މުއައްސިސުން
ޑރ. އާމިނަތު ޖަމީލު
ފަންނީ ރޮނގުން ނަރުހެއް ކަމުގައިވާ ޑރ. އާމިނަތު ޖަމީލު ދިވެހިރާއްޖޭގެ ސަރުކާރު ހޮސްޕިޓަލުގައި ޚިދުމަތް ފެއްޓެވީ 1971 ގައެވެ. އެއަށްފަހު އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ޑިރެކްޓަރުގެ މަގާމުގައި ސިއްހީ އެހީތެރިން ތަމްރީނުކުރެއްވުމުގައި ނުވަ ވަރަކަށް އަހަރު ޚިދުމަތްކުރެއްވިއެވެ.
މަތީ ތައުލީމުގައި، މެޑްރާސް ޔުނިވަރސިޓީގައި ކޮމިއުނިޓީ ހެލްތު ނަރސިންގ ރޮނގުން މާސްޓަރޒް ހާސިލްކުރެއްވުމަށް ފަހު އޮސްޓްރޭލިއާގެ މެލްބަންގެ ލަޓްޜޯބް ޔުނިވަރސިޓީގައި ހެލްތް ސައިންސުގެ ރޮނގުން އޭނާ ޕީއެޗްޑީ ހާސިލުކުރައްވާފައިވެއެވެ. އޭނާގެ ޑޮކްޓޯރަލް ތީސިސް ބިނާކުރެއްވީ 'ދިވެހިރާއްޖޭގައި ދޮށީއުމުރުގެ މީހުން އަމިއްލައެހީގައި އުޅުމުގެ' މައުލޫއަށެވެ. އޭސީއެމް އުފެއްދެވުމުގެ ޝައުގު އުފެދުނީ މިހިސާބުންނެވެ. ސަރުކާރުގައި ގިނަ އިސްމަގާމުތަކެއްގައި ޑރ. އާމިނަތު ޖަމީލު ވަނީ ޚިދުމަތްކުރައްވާފަވެއެވެ. މިގޮތުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ވަޒީރުކަން 2008 އިން 2012 އަށް އޭނާ ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
މުޙައްމަދު އިސްމާއީލް މަނިކު
މުޙާއްމަދު އިސްމާއީލް މަނިކުއަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ތަޖުރިބާ ހުރި، ރިޓަޔަރކުރައްވާފައިވާ ސީނިއަރ ސިވިލް ސަރވަންޓެކެވެ. އިންޓަނޭޝަލް ރިލޭޝަންސްގެ ދާއިރާއިން ކިޔަވާވިދާޅުވުމަށްފަހު އޭނާ ފޮރިން ސަރވިސް އާ ގުޅިވަޑައިގަތީ 1971 ގައެވެ. ސަރުކާރު ޚިދުމަތުން 1992 ގައި އޭނާ ރިޓަޔަރކުރެއްވުމާ ހަމައަށް ޑިރެކްޓަރ އޮފް ސިވިލް އޭވިއޭޝަން ކަމާއި ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތް ފަދަ މުހިންމު ތަފާތު މަގާމުތައް އަދާކުރައްވާފައިވެއެވެ.