އަޅުގަނޑުމެން ކުރާ މަސައްކަތް
ދޮށިއުމުރުގެ މީހުންގެ މަޢީޝަތާއި ޢާފިޔަތު ރަނގަޅުކުރުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އޭޖްޑް ކެއަރ މޯލްޑިވްސް ކަށަވެތިވެއެވެ.
ކަސްރަތު ޕްރޮގްރާމުތަކާއި ހަރަކާތްތެރިކަން ދެމެހެއްޓުން
މީހުން ދުވަސްވަމުން ދާއިރު، އެ މީހުން އާދަވެ ކޮށްއުޅޭ ކަންތައްތައް މަދުވާން ފަށައެވެ. ވަކީން ޚާއްސަކޮށް ޢަމަލީ ހަރަކާތްތައް މަދުވުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަން ދެރަވެ، ޑިމެންޝިއާ (އަކުސަ) ފަދަ ބަދުހާލުތަކާއި ހަކުރުބައްޔާއި ލޭ މައްޗަށްދިއުން (ހައިޕަޓެންޝަން) ފަދަ ހަޔާތީ ވައްޓަފާޅީގެ ބަލިތަކަށް ތަންދެވެއެވެ. ކަސްރަތުކުރުމަކީ ކޮންމެ އުމުރެއްގައިވެސް ހެޔޮ ސިއްހަތު ދެމެހެއްޓުމަށް ކޮންމެހެން ބޭނުން ކަމެކެވެ. ގުނަންތަކުގެ ހަލުވިކަން ދެމެހެއްޓުމާއި ޒަރޫރީ ހަރަކާތްތަކަށް ނުކުޅެދުން ކުޑަކުރުމަށް ޓަކައި، ދުވަސްވަމުންދާ ފަރާތްތަކަށް ބޭނުންވާ ކަސްރަތާއި ޔޯގާ ޕްރޮގްރާމުތައް، ދުވަހީ އުޅުމުގެ ހަރަކާތްތަކަށް ސަމާލުކަންދީ އަޅުގަނޑުމެން ހިންގަމެވެ. މި ޕްރޮގްރާމްތައް އަމާޒުކުރަނީ ގައިބާރާއި ހަލުވިކަމާއި ޖޯރު ދެމެހެއްޓުމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ދުވަސްވެ ހުޅުހުޅުގެ ބާރުދެރަވުމާގުޅިގެން ފުރޮޅާލުމާއި ވެއްޓުމުން މީހާ ދުރުކޮށްދިނުމެވެ.
އެކުވެރި ޒިޔާރަތް
ރައްޓެހިކަން ބޭނުންވާ އުމޫރު މީހުންނާއި އާދީ ގޮތެއްގައި ބައްދަލުކޮށްލައި ވާހަކަދައްކާލައި އުޅޭނޭ ވޮލަންޓިއަރު އެކުވެރިން އަޅުގަނޑުމެން ހަމަޖައްސައިދެމުއެވެ. މި ގުޅުންތަކުގެ ސަބަބުން އަމިއްލަވެރި އުޅުމާއި ދަތިތަކާ ކުރިމަތިލުމުގެ ގާބިލުކަމާއި އަމިއްލަ ގަދަރު ދެމެހެއްޓުމަށް ބާރުލިބިދެއެވެ. ރައްޓެހި ގުޅުން ކުރިއަށް ގެންދަނީ އޭޖްޑް ކެއަރ މޯލްޑިވްސްގައި ރަޖިސްޓަރީވެފައިވާ ރަހުމަތްތެރި ވޮލަންޓިއަރުން ކޮޅެއް، ސީދާ ބައްދަލުކޮށްގެން ނުވަތަ ފޯނުން ގުޅައިގެންނެވެ.
ގޭވެހި ސިއްހީއެހީ
ނަރުހުން ނުވަތަ ތަމްރީނުހުރިޞިއްޙީ މަސައްކަތްތެރިންގެ އެހީ ލިބޭނަމަ ގޭގައި ދިރިއުޅުމަކީ ކުރެވިދާނެ ކަމެކެވެ. މުޖުތަމައު ފެންވަރުގައި، އުމޫރުވަމުންދާ އާބާދީގެ ސިއްހަތު ދެމެހެއްޓުމުގައި ގޭވެހި ސިއްހީއެހީ ޕްރޮގްރާމުތަކުގެ ތެރޭން ދެވޭ ޚިދުމަތްތައް މުހިންމު ދައުރެއް އަދާކުރެއެވެ.
އަދި ރަސްމީ ސިއްހީފަރުވާގެ ނިޒާމާއެކު މި ފަދަ ޚިދުމަތްތައް ލިބިދީގެން، އެހީތެރިކަމަށް ކޮންމެވެސް ވަރަކަށް ނުވަތަ މުޅީން ބަރޯސާވާ އުމޫރުން އެމީހުންގެ އަމިއްލަ ގޭގޭގައި ދިގުމުއްދަތުތަކަށް ދިރިއުޅުމަށް ފަހިވެގެންދެއެވެ. މި ޚިދުމަތް ދެނީ ކޮންމެ ފަރުދަކަށް ޚާއްސަ ޕްލޭނެއް ރާވައިގެންނެވެ. އަދި ކޮންމެ އުމޫރަކަށްވެސް އެކަށޭނަ އަޅާލުން ދިނުން މުޖައްރިބުކުރުމަށްޓަކައި، މި ޕްލޭން ގަވައިދުން އަދާހަމަކުރަމުން ގެންދެވޭނެއެވެ.
ގޭވެހި ސިއްހީއެހީ ނުވަތަ އެހީބަރޯސާ އުޅުމުގެ ވަސީލަތްތައް ފޯރުކޮށްދޭ ޚިދުމަތްތަކަކީ އެނދުމަތީ އެހީއާއި، ކެއުމުގެ އެހީއާއި، ފެންވެރުމުގެ އެހީއާއި، ހޮޅިން ކާންދިނުމާއި، ކާނާހޮޅި ލެއްވުމާއި، ކެތީޓަރު ލެއްވުމާއި، އިންޖެކްޝަން ޖެހުމާއި، ބޭސްކެއުމަށް އެހީތެރިވުމާއި، ފިޒިއޯތެރަޕީ ލަފާދިނުމެވެ.
ހެލްތު ޕްރޮމޯޝަނާއި މުޖުތަމައު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް
ހަށިހެޔޮ ގޮތުގައި ދުވަސްވުން ނުވަތަ އުމޫރުވުން ފަހިކުރުމަށް ޓަކައި، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މިކަން ހާސިލުކުރަނީ މީޑިއާ (ނޫސް، ރޭޑިއޯ ޓީވީ) މެދުވެރިކޮށް، މަރުކަޒީ އަދި ލާމަރުކަޒީ ފެންވަރުގައި ސްކޫލްތަކާއި އަވަށްތަކާއި، ކުލަބުޖަމިއްޔާތައް ޝާމިލުކޮށްގެންނެވެ. އަދި ހުޅެވި ފޯރަމްތަކާއި އިޖްތިމާއީ އަދި ކުޅިވަރު ހަރަކާތްތަކާއި މަހާސިންތާތަކާއި މަސައްކަތުބައްދަލުވުންތަކުން އިތުރު ބާރު އަޅައިގެންނެވެ.
ދުރަށްފޯރުވާ ޕްރޮގްރާމްތައް (އައުޓްރީޗް ޕްރޮގްރާމްތައް)
އޭޖްޑް ކެއަރ މޯލްޑިވްސްގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކިކަންކޮޅުގައި ހިންގަމެވެ. ފައިސާ ހަމަޖެހޭ މިންވަރަކުން އަހަރަކު ދޭއް ނުވަތަ ތިން ޕްރޮގްރާމް ދުރު ރަށްރަށުގައި ހިންގައިދެވެއެވެ. ދުރަށްފޯރުވާ ޕްރޮގްރާމްތަކުގައި މުޅި ރަށުގެ އާބާދީއަށް ސްކްރީނިން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ޑަކްޓަރުން ބަލިބަލައިދިނުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު ބައެކެވެ.
އޭޖްޑް ކެއަރ މޯލްޑިވްސްގެ އެދުމުގެ މަތިން ހޮސްޕިޓަލްތަކާއި ކުލިނިކުތަކުން ވަރަށް ގިނަފަހަރު މި ޕްރޮގްރާމްތަކަށް ޑޮކްޓަރުން ވީއްލަވައިދެއްވައެވެ. ހަޔާތުގެ ކޮންމެ މަރުހަލާއެއްގައިވެސް، ވަކީން ޚާއްސަކޮށް ދުވަސްވަމުންދާއިރު، ހަރަކާތްރެރިވެ އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ކަސްރަތުން ތިމާގެ ޖިސްމާނީ ސިއްހަތަށް ފައިދާކުރުމުގެ އިތުރުން ނަފްސާނީ އަދި ޖަޒުބާތީ ސިއްހަތު ވެސް ދަމަހައްޓައިދޭކަން ދިރާސާތަކުން ދައްކައެވެ
ހެލްތު ސްކްރީންކުރުން
އޭޖްޑް ކެއަރ މޯލްޑިވްސްގެ ހެލްތު ސްކްރީނިންތައް ފަރުމާކޮށްފައިވަނީ ބަލިބަލީގެ ދުރާއިންޒާރީ އަލާމާތްތައް ދެނެގަނެ، ދުވަސްވުމުގެ އާއްމު ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އުމޫރުންނާއި އާއިލާ ގާބިލުކުރުމަށެވެ. މި ފަދަ ސްކްރީނިންތަކުގެ ނަތީޖާތަކުގެ އަލީގައި އުމޫރުންގެ ދިރިއުޅުން ރަނގަޅު ފެންވަރުގައި ދެމެހެއްޓުމަށް ފުރުސަތު ލިބެއެވެ. ބަރުދަނާއި ލޭގެ ޕްރެޝަރާއި ލޭގެ ހަކުރު މޮނިޓަރުކުރުމާއި ލޮލުގެ ފެނުން ޓެސްޓްކުރުމާއި ދަތުގެ ސްކްރީނިން ހިމެނޭ މި ސްކްރީނިން ޕްރޮގްރާމްތައް، އޭޖްޑް ކެއަރ މޯލްޑިވްސްއިން ހިލޭ ފޯރުކޮށްދެއެވެ.
ވަކާލާތު
ދޮށީއުމުރުގެ މީހުންނާ ބެހޭ މައްސަލަތަކުގައި އެންމެ ކުރީ ސަފުގައި އޭޖްޑް ކެއަރ މޯލްޑިވްސް އިން އަޑު އުފުލައި މަސައްކަތްކުރެއެވެ. އަދި ސިޔާސަތު ނިންމާ ފަރާތްތަކުގެ ސަމާލުކަމަށް އެފަދަ މައްސަލަތައް ގެނައުމަށް ވެސް މަސައްކަތް ކުރެއެވެ.
މީގެ ބައެއް މައްސަލަތަކަކީ:
- ރަނގަޅު އިޖުތިމާއީ އަދި ސިއްހީ ރައްކާތެރިކަން ދޮށީއުމުރުގެ މީހުންނަށް ލިބުން ޔަގީންކުރުން
- ދޮށީއުމުރުގެ މީހުންނާމެދު ހިންގާ ކުށްތައް މަދުކުރުން
- އަޅާލުމުގައި އިހުމާލާއި އަނިޔާ
- އުމޫރުންގެ އެކަނިވެރިކަން ކުޑަކުރުން
- އުމޫރުންނަށް ބޭނުންވާ ޚާއްސަ ސިއްހީ އަދި ކާނާގެ ބޭނުންތައް
ގާބިލުކަން އިތުރުކުރުމާއި ތަމްރީނު
ދުވަސްވުމާގުޅޭ އާންމު ސިއްހީ މައްސަލަތައް ހުރިހައި ސިއްހީ ޚިދުމަތްތެރިންނަށް ވެސް އެނގިފައިވުން ލާޒިމެވެ. ވަޒީފާމަތީ ތަމްރީނު ދިނުމުގެ އިތުރުން، އުމޫރުވުމާބެހޭ މައުލޫމާތު އަންގައިދިނުމުގެ މަސައްކަތުބައްދަލުވުންތައް އޭޖްޑް ކެއަރ މޯލްޑިވްސް އިން ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގައިހިންގައި އުމޫރީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށްދެއެވެ.
ހަރަކާތްތައް
އެކި މީހުން އެކި ތަކެތި ގެންނަ ކޭންތަކާއި ޕިކުނިކު ދަތުރުތަކާއި ހޮވާލެވޭ މައުލޫތަކަށް ބޭއްވޭ މަޝްވަރާތައް ފަދަ އިޖުތިމާއީ އެއްވުންތައް އޭޖްޑް ކެއަރ މޯލްޑިވްސްގެ ފަރާތުން މެންބަރުންނަށް ބާއްވައެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ މެންބަރުންގެ މެދުގައި އެކުވެރިކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި ޖިސްމާނީ އަދި ނަފުސާނީ ގޮތުން މެންބަރުން ބާރުވެރިކުރުވުމެވެ.